ކ. ގާފަރު ކައިރިން ހޯކްސް ކުންފުނީގެ "ހޯކްސް ވޮޔޭޖާ" ކޮޅުވެއްޓި ބަންޑުންޖަހާލައި، އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ބަންގްލަދޭޝްގެ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވަރުގަދަކޮށްފިއެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ނެގި ރާޅަކާއެކު ދިޔަވެގެން ކޮޅުވެއްޓި އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:48 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު އުޅަނދުގައި ތިބި 10 މީހުންގެ ތެރެއިން 8 މީހުން ސަލާމަތްކޮށް ގާފަރަށް ގެންގޮސްފައިވާއިރު، އެ އެންމެންނަށްވެސް ވަނީ އެކިވަރުގެ ކުދިކުދި އަނިޔާތައް ލިބިފައެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ދެ ދިވެހިންނާއި 6 ބިދޭސީން ހިމެނެއެވެ.

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، ގެއްލިގެން ހޯދަމުންދާ ދެ ބިދޭސީން ހޯދުމަށް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގާ ހާއްސަ އޮޕަރޭޝަނުގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 2,747 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
މީގެ އިތުރުން ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކޮޅުވެއްޓި އަޑިއަށްދިޔަ ސަރަހައްދު އަޑިއަށް ފައިބައިގެންވެސް ފުޅާދާއިރާއެއްގައި ބަލާފައެވެ.
ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް ބޭނުންކޮށްގެން ހުއްޓުމެއްނެތި މި އޮޕަރޭޝަން ކުރިއަށްދިޔަ ނަމަވެސް، ގެއްލުނު ދެ މީހުންގެ ޚަބަރެއް ނުވެއެވެ.



