މުންދުއާއެކު އިސް 5 ބޭފުޅަކު ޕީއެންސީގެ ނައިބު ރައީސްކަމުގެ ރޭހަށް!

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި، ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެ މަގާމަށް އިތުރު ދައުރަކަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) ގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުން އޮންނާނެއެވެ.

އިތުރު ދައުރަކަށް ކުރިމަތިލައްވާކަން ހާމަކުރައްވަމުން މުންދު ވިދާޅުވީ، ގައުމީ ފިކުރުގެ ދިފާއުގައި ކުރެވުނު މަސައްކަތާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ވެރިކަމުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ގައުމަށް ހަމަޖެހުމާއި ތަނަވަސްކަން ގެނެސްދިނުމަށްޓަކައި 2028 ވަނަ އަހަރު ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމުގެ މަތިވެރި މަގްސަދު ހާސިލުކުރުމަށް، އޭނާގެ ގާބިލުކަން ތަންދިން އެންމެ ފުރިހަމައަށް މަސައްކަތް ކުރެއްވުމުގެ އަޒުމުގައި އެ މަގާމަށް ކުރިމަތިލެއްވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ހަތް ނައިބު ރައީސުން ތިއްބަވާ ޕީއެންސީގެ މަތީ މަޖިލީހުން ޕާޓީގެ ރައީސާއި ނައިބު ރައީސުން އިންތިޚާބުކުރާއިރު، މުންދުގެ އިތުރުން މި މަގާމަށް ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރޭގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ހިމެނިވަޑައިގަންނަވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް