މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ވަނީ، މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށާއި ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް މެނުވީ ދަތުރު ނުކުރުމަށް އެދިފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 14:30 އިން އިރުއޮއްސި 19:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ގަޑިތަކުގައި އާންމުކޮށް ގަޑިއަކު 19 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސް މި ދުވަސްވަރު ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން ނެރޭ މޫސުމީ އިރުޝާދުތަކަށް ބޯލަނބައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.




