އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ނޫސްވެރިންނާ ވާހަކަދައްކަވަނީ

ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފްކުރާ "ޕާލް ރެސިޑެންސީ ވިސާ" ދިނުން ހުއްޓުވަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނިކޮށް، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕްރޮގްރާމަށް ތާއީދު ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރާއްޖެއަށް ނުހަނު ފައިދާވާނެ، އަދި ޓޫރިޒަމް ވިޔަފާރީގެ އައު ފުރުސަތުތަކެއް ހުޅުވާލަދޭނެ ޕްރޮގްރާމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރުގައިވަނީ، މި ޕްރޮގްރާމުން ދައުލަތަށް ލިބޭނެ މާލީ މަންފާއެއް އެނގެން ނެތުމާއި، ގައުމީ ސަލާމަތާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވެ "ވަކި ދައުލަތެއް" އުފެދިގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފައެވެ. އަދި އިންވެސްޓްމެންޓް މެދުވެރިކޮށް ރެސިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން މި މަސައްކަތް ވަގުތުން މެދުކަނޑާލުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްގެން ފަރުމާކުރާ މި ޕްރޮގްރާމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް