ޖުލައި މަހުގެ ނިޔަލަށް ފުލުހުންނަށް 7,000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 6,720 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 7,349 އަށް އުފުލިފައެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުތަކެވެ. އެގޮތުން ވައްކަމުގެ 2,054 މައްސަލަ އަދި އެކްސިޑެންޓްގެ 1,803 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މީގެއިތުރުން މަސްތުވާތަކެތީގެ 1,487 މައްސަލައާއި، އެއްޗެހި ގެއްލިގެން 605 މައްސަލައިގެ އިތުރުން މާރާމާރީގެ 395 މައްސަލައާއި މުދަލަށް ގެއްލުންދިނުމުގެ 377 މައްސަލަ ހިމެނެއެވެ. އަދި ގެވެށި އަނިޔާގެ 197 މައްސަލައާއި، ޚިޔާނަތުގެ 156 މައްސަލަ، ޖިންސީ ކުށުގެ 152 މައްސަލަ، ފޭރުމުގެ 93 މައްސަލަ، ފޯޖްކުރުމުގެ 29 މައްސަލައިގެ އިތުރުން އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކުރުމުގެ 1 މައްސަލަވެސް ރިޕޯޓްކޮށްފައިވެއެވެ.
މަގުމަތީގެ އެކްސިޑެންޓުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ 7 މަހު ރިޕޯޓްކުރި 1,729 އެކްސިޑެންޓާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި އެކްސިޑެންޓުތަކުގެ އަދަދު ވަނީ 1,803 އަށް އިތުރުވެފައެވެ. އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ ޖަނަވަރީ މަހު (303) އަދި އެޕްރީލް މަހު (284) އެވެ. ދެން ހުރި މަސްތަކަށް ބަލާއިރު މާރިޗު އަދި މޭ މަހު 273، ޖުލައި މަހު 271، ޖޫން މަހު 256 އަދި ފެބުރުވަރީ މަހު 251 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ.
ކުށްތަކާއި އެކްސިޑެންޓްތައް މަދުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި "ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން" ފަދަ ސިލްސިލާ ހަރަކާތްތައް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ހިންގަމުންނެވެ.



