ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ތިމާވެއްޓާ ރައްޓެހި އީޖާދީ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ މަޤުސަދުގައި ދޫކުރާ "ވިލުންވެށި ގްރާންޓް" އަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިއީ އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫއުތަކަށް 100,000 (އެއްލައްކަ) ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މިއަހަރުގެ ޖޫން 23 ގައި އިފްތިތާޙުކުރި މި ޕްރޮގްރާމަކީ އެސްއެމްއީ ޑިޖިޓަލްއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ގްރާންޓުގެ މައިގަނޑު އަމާޒަކީ ކާނާގެ ރައްކާތެރިކަން އިތުރުކުރުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ އީޖާދީ އަދި ޑިޖިޓަލް ހައްލުތަކަށް ހިތްވަރުދީ، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މި އެހީއަށް އެދި ހުށަހަޅާ މަޝްރޫއުތަކަކީ ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ އަދި ދިގު މުއްދަތަކަށް މުޖުތަމައަށް ފައިދާ ކުރާނެ މަސައްކަތްތަކަކަށް ވާންޖެހޭނެއެވެ. މި ގްރާންޓަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.



