އިންޑިއާއިން ރާއްޖެއަށް އަނބުގެ ފުރަތަމަ އެއާ ޝިޕްމެންޓް އެތެރެކޮށްފި

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން ދިވެހިރާއްޖެއަށް އަނބުގެ ފުރަތަމަ އެއާ ޝިޕްމެންޓް އިއްޔެ ރާއްޖެއަށް އެތެރެކޮށްފިއެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، "ވިމެން އޮންޓްރޮޕްރަނިއާ އެންޑް އެކްސްޕޯޓާސް" ކިޔާ އަންހެނުންގެ ޚާއްޞަ ކުންފުންޏަކުން އެއާ ފްރައިޓް މެދުވެރިކޮށް އެތެރެކުރި މި ޝިޕްމެންޓްގައި އެއް މެޓްރިކް ޓަނުގެ އަނބު ހިމެނެއެވެ.

މި ޝިޕްމެންޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންޑިއާގެ މަޝްހޫރު ދެ ބާވަތެއް ކަމަށްވާ "ނީލަމް" އަދި "ޓޯޓާޕޫރީ" ބާވަތުގެ އަނބެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔުޝް ގޯޔަލް ވިދާޅުވީ، މިއީ އެ ގައުމުގެ ދަނޑުވެރިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓްތަކަށް ފަސޭހަކަމާއެކު އެކްސްޕޯޓް ކުރުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ޚާއްޞަކޮށް މޫސުމީ މޭވާގެ ބާވަތްތައް އެއާ ފްރައިޓް މެދުވެރިކޮށް ފޮނުވުމުން އުފެއްދުންތަކުގެ ތާޒާކަން މަތީގައި އަވަހަށް މާކެޓްތަކަށް ފޯރުކޮށްދެވޭނެކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މި މަޝްރޫޢު ކާމިޔާބުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިންޑިއާގެ އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވަލޮޕްމެންޓް އޮތޯރިޓީ (އޭޕީއޭޑީއޭ) ގެ ޗެއާމަން އަބީޝޭކް ދޭވް ވިދާޅުވީ، މިކަން ހާސިލުކުރެވުނީ ފާމާ ޕްރޮޑިއުސާ ކޮމްޕެނީ (އެފްޕީސީ) އާއި ދަނޑުވެރިން އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ ބޮޑު އެހީތެރިކަމާއެކު ކަމަށެވެ.

އަދި ރާއްޖެއަށް އެއާ ފްރައިޓްކޮށް އަނބު ފޮނުވަން ފެށުމުން އިންޑިއާގެ ދަނޑުވެރިންގެ އުފެއްދުންތަކަށް އާ މާކެޓްތައް ފުޅާވެ، ދަނޑުވެރިންގެ އާމްދަނީ 50 އިންސައްތައަށްވުރެ އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް