ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދައުރެއް ނިމި، މަޖިލިސް ޗުއްޓީއަށްދާ މުއްދަތުގެ ތެރޭގައި "ޒުވާނުންގެ ޕާލަމަންޓް" އޮޕަރޭޓްކުރާ ގޮތަށް ހަމަޖެއްސެވުމުގެ ހިޔާލުފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަށް ހަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމަށްޓަކައި ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވެ، ޤައުމީ މުހިންމު ކަންކަމުގައި ބަސްބުނުމުގެ ފުރުޞަތު އެ ފަރާތްތަކަށް ފުރިހަމައަށް އޮންނަންޖެހޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.
މީގެ ކުރިންވެސް އެކި ސިފަސިފައިގައި ޒުވާނުންގެ ޕާލަމަންޓްތައް ބޭއްވިފައިވީ ނަމަވެސް، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މިއަށްވުރެ މާ ދާއިމީ އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން މިކަން ކުރިއަށްގެންދެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާ ތަމްސީލުކުރާނެ ޒުވާނުން، އެ ދާއިރާއެއްގެ ޒުވާނުންގެ އިންތިޚާބީ ވޯޓަކުން ހޮވައި، ޔޫތު ޕާލަމަންޓް އެކުލަވާލުމަށް ވިސްނަވާކަން ފާހަގަކުރެއްވިއެވެ. އަދި މި ޕާލަމަންޓުގައި ބައިވެރިވެވޭނެ އުމުރުފުރާއާއި، މީޓިންގތައް ބާއްވާނެ ގޮތުގެ ތަފްޞީލީ އުޞޫލުތައް ކުރިއަށް އޮތް ތަނުގައި ނިންމަވައި ހާމަކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ޗުއްޓީ މުއްދަތުގައި ޒުވާނުންގެ ޕާލަމަންޓް ހިންގުމަކީ ޒުވާނުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުޞަތެއް ކަމަށާއި، މިއީ މަޝްވަރާގެ މަތިން ޢަމަލީ ސިފަ އަންނާނެ ކަމެއް ކަމަށެވެ.
މައިގަނޑު ބޭނުމަކީ ޤައުމީ ތަރައްޤީއާއި ތަފާތު ކަންކަމާ ގުޅޭގޮތުން ޒުވާނުންގެ ހިޔާލާއި މަޝްވަރާ ސަރުކާރަށް ހުށަހެޅޭނެ ނިޒާމެއް ގާއިމުކޮށް، ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.




