އިޙްތިރާމްކުރުމުގެ އިޖުތިމާޢީ އަޚްލާޤަށް ރުޖޫޢަވުމަށް ރައީސް މުޢިއްޒު އިލްތިމާސްކުރައްވައިފި

ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އިޙްތިރާމްކުރުމާއި ރިވެތި އަޚްލާޤުގެ އަސްލަށް ރުޖޫޢަ ނުވެވޭނަމަ، އިޤްތިޞާދީ އަދި ޢުމްރާނީ ގޮތުން ކިތަންމެ ބޮޑު ތަރައްޤީއެއް ހޯދިކަމުގައި ވިޔަސް ޙަޤީޤީ މިނިވަންކަމެއް ނުލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ސިޔާސީ ބޭނުމަށްޓަކައި މާޒީގައި ރޭވިގެން އިޙްތިރާމްކުރުމުގެ ރޫޙު ނައްތާލާފައިވީ ނަމަވެސް، އެކަން ރަނގަޅުކުރުމަށް މި ސަރުކާރުން އިސްނަގައިގެން ޤައުމީ ފެންވަރުގައި ބޮޑު ކެމްޕޭނެއް ހިންގަމުންދާ ކަމަށެވެ.

މީގެއިތުރުން، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމަށްޓަކައި ވަޠަނީ ޚިދުމަތާއި ވޮކޭޝަނަލް ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި "ޒުވާނުންގެ މަޖިލިސް" ފަދަ ލަފާދޭ މަޖިލީސްތައް އުފެއްދުމުގެ ވިސްނުންފުޅު ހުރިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮރަޕްޝަން ނައްތާލައި ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރިއަށްދާ "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވައި، ދައުލަތުގެ ހިއްސާ އޮތް އެއްވެސް އިދާރާއަކަށް މިއިން އެކަހެރިވެގެން ނުހުރެވޭނެކަމަށް ވިދާޅުވިއެވެ.

އަދި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބަށް އަލިއަޅުއްވާލައްވަމުން، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ބާއްވާ ކޮންގްރެސްއިން ޕާޓީގެ ދާޚިލީ ޑިމޮކްރަސީގެ ހަރުދަނާކަން ސާބިތުވެގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް