މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލޭގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޓީމުތަކުން ހުޅުމާލެ ޕޮލިސްއާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިއޮޕަރޭޝަންގެ ދަށުން އެޗްޑީސީގެ އޮޕަރޭޝަނަލް ޓީމުތަކުން ދަނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މައި މަގުތަކާއި ގޯޅިތަކުގެ ހާލަތު މޮނިޓަރުކޮށް، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ގަދަ ވަޔާއި ވާރޭގެ ސަބަބުން މަގުމައްޗަށް ވެއްޓިފައިވާ ގަސްގަހާގެއްސާއި އެކި ކަހަލަ ކުނިބުނި ނަގައި، ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ހުރި ތަންތަން ސާފުކުރުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، މިފަދަ ގޯސް މޫސުމެއްގައި އާންމު ރައްޔިތުންނަށް ދިމާވެދާނެ ކަންކަމަށް އިޖާބަދިނުމަށް އެކޯޕަރޭޝަންގެ ކޯލް ސެންޓަރާއި އިމާޖެންސީ ޓީމުތައް އޮތީ 24 ގަޑިއިރު ތައްޔާރީ ހާލަތުގައެވެ. މޫސުމީ ނުރައްކަލެއް ނުވަތަ އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި، އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުއްވުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އިންޒާރު ނެރެފައިވާތީ، މަގުމަތީގައި ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ޚާއްޞަކޮށް ސައިކަލު ދުއްވާ ފަރާތްތަކުން ސަމާލުވުމަށާއި، ބޭނުމެއްނެތި ބޭރަށް ނުކުމެ ނޫޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




