ކ. ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން، ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް އަލިކަމެއްނެތް ދަގަނޑު ބާޖެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ވަނީ ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާއިރު އިތުރަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ކަނޑުމަތީގެ އެހެން ހާދިސާތައްވެސް ވަނީ ހިނގާފައެވެ. އެގޮތުން ކ. މާފުށީ ބޭރުގައި އޮންނަ "ޕްރިންސެސް ލާލަ" ފްލޯޓިން ބާގެ ނަގިލި ކަހާލައިގެން ގޮސް ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެފައިވާއިރު، ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ ބިދޭސީއަކު ވަނީ ގެއްލިފައެވެ. އެ ކޮޅުވެއްޓިން ދަތުރުކުރި ބާކީ އަށް މީހުން ވަނީ ސަލާމަތްކޮށްފައެވެ.




