އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް، މި އަހަރުގެ ސެޕްޓެންބަރު މަހުގެ 1 އިން 3 އަށް ރާއްޖޭގެ ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިއީ މުޅި އޭޝިއާ ސަރަހައްދުގެ ބޭންކިން ދާއިރާގެ އިސްވެރިންނާއި މާލީ މާހިރުން އެއްފުރާޅެއްގެ ދަށަށް އެއްކޮށްލާ ބޮޑު ބައިނަލްއަގުވާމީ ހަރަކާތެކެވެ.
މި އަހަރުގެ ކޮންފަރެންސްގައި އޭބީއޭގެ މެންބަރު ގައުމުތަކުގެ ބޭންކުތަކުގެ ސީއީއޯއިންނާއި، ސީނިއާ އެގްޒެކްޓިވުންގެ އިތުރުން މާލީ ދާއިރާގެ ބައިނަލްއަގުވާމީ ފަންނީ މާހިރުން ބައިވެރިވާނެއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ބޭންކިން އާއި މާލީ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމާއި، ދާއިރާއިން ފެންނަން ހުރި އައު ފުރުސަތުތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހިއްސާކުރުމުގެ އިތުރުން މާލީ ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް ބޭނުންވާ މުހިންމު ހިޔާލުތައް ބަދަލުކުރުމެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރެޖިސްޓްރޭޝަންގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
މިއީ އޭބީއޭގެ އަހަރީ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް ބީއެމްއެލްއިން ވަނީ މި ކޮންފަރެންސް ވަރަށް ކާމިޔާބުކަމާއެކު ރާއްޖޭގައި ބާއްވާފައެވެ. ދެވަނަ ފަހަރަށް މި އިވެންޓް މޯސްޓްކުރުމުގެ ފުރުސަތު ލިބުމަކީ، އޭޝިއާގެ ބޭންކިން ސިނާއަތުގައި ބީއެމްއެލްއަށް އޮތް އިތުބާރާއި އެ ބޭންކުގެ ލީޑަޝިޕް ވަރުގަދަވަމުންދާކަމުގެ ބޮޑު ހެކިދޭ ކަމެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
މި ކޮންފަރެންސް ރާއްޖޭގައި ބާއްވާނެކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ ބޫޓާނުގައި ބޭއްވުނު އޭބީއޭގެ 41 ވަނަ ކޮންފަރެންސްގައެވެ. އެ ބައްދަލުވުމުގައި ބީއެމްއެލްއަށް ލިބުނު އަނެއް ބޮޑު ކާމިޔާބީއަކީ، އޭބީއޭގެ ވައިސް ޗެއާމަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް އައްޔަންކުރެވުމެވެ.




