50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ އުތުރަށް ރީނދޫ ސަމާލު

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ މިއަދުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށެވެ.  

މެޓް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ވަގުތުތަކުގައި ސަމާލު ނެރުނު ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވާން މެދުވެރިވި ސަބަބު

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުން (ވިއްސާރަ މޫސުން) ކަމަށްވެފައި، މޫސުން އިތުރަށް ގޯސްވާން މެދުވެރިވީ ރާއްޖޭގެ އުތުރާއި އިރުދެކުނު ސަރަޙައްދުގައި ލޯ ޕްރެޝަ ޓްރަފް (ކާރިސީ ދަށް ޕްރެޝަރުގެ ކަނޑިއެއް) އުފެދިފައިވުމުންނެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާތީ، މުޅި ރާއްޖެއަށްވެސް ވިއްސާރައިގެ އަސަރު ބޮޑަށް ކުރަމުންދަނީއެވެ.

މޫސުން ގޯސްވުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން ވަނީ ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާއި، ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، މޫސުމީ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުތައް ރޭވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް