ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިންތިހާއަށް ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބައިނަލްއަޤްވާމީ ގިނަ ފްލައިޓުތަކެއް ޖެއްސުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.
އޭވިއޭޓާސް މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި، ވިއްސާރައިގެ ސަބަބުން ލޮލަށް ފެންނަ މިންވަރު ދަށްވެ، އެއަރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް، އިންޑިގޯ އަދި ފިޓްސްއެއާގެ ފްލައިޓުތައް އެއާޕޯޓާ މަތީގައި ނުޖެއްސިގެން ގިނަ އިރުތަކެއް ވަންދެން ވަނީ ހަރަކާތްތެރިވާން ޖެހިފައެވެ. މީގެ އިތުރުން، ދުބާއީން މާލެއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް ވީއައިއޭއަށް ނުޖެއްސިގެން މިހާރު ވަނީ އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯއަށް ޑައިވާޓްކޮށްފައެވެ.
މޫސުން ގޯސްވަމުންދާތީ މޯލްޑިވްސް މީޓިއޮގްރޮޖިކަލް ސާވިސް (މެޓް) އިން ދަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ފުލުފުލުގައި ތަފާތު މޫސުމީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އިއްޔެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުނުއިރު، ފުރަތަމަ ހުދު ސަމާލު ނެރުނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެ ސަމާލުގެ މުއްދަތު ރޭ ދަންވަރު 2:30 އަށް ހަމަވުމަށްފަހު، ހއ. އަތޮޅުން ތ. އަތޮޅަށް ދެވަނަ ހުދު ސަމާލެއް ނެރުނެވެ. އެ ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އޭގެ އިތުރުން، މިއަދު ހެނދުނު 7:30 އިން 11:30 އަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނި ގޮތުގައި މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ. މި ދުވަސްވަރަކީ ހުޅަނގުމޫސުމުގެ ދުވަސްވަރު ކަމަށްވުމާއެކު، ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށްވެސް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.



