ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެ ދުވަހަށް ތައްޔާރުވުމުގެ މުހިންމުކަން!

ޤީޔާމަތް ދުވަހަކީ ކޮންމެ އިންސާނަކުވެސް އަމިއްލަ ނަފްސުގެ ސަލާމަތަށް އެދި އަޚާއާއި، މަންމައާއި، ބައްޕައާއި، އަނބިދަރިންގެ ކިބައިން ފިލަންދާނެ ދުވަސް ކަން ހަދުމަކޮށްދީ އެދުވަހުގެ ބުރުވެރިކަމުގެ މައްޗަށް ހުކުރު ހުތުބާގައި އަލިއަޅުވާލައިފިއެވެ.

ޚުޠުބާގައި އަލިއަޅުވާލައްވާފައިވަނީ ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި، މަޙުޝަރުމައިދާނުގެ ޙާލަތުގެ މައްޗަށެވެ. ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ޤިޔާމަތްދުވަހަކީ އިންސާނާ ދުނިޔޭގައި ކުރި އެންމެހައި ކުދި ބޮޑު ޢަމަލުތަކުގެ ހިސާބު ބެއްލެވޭނެ، އަދި އެއިން އެއްވެސް ކަމެއް އުނިނުވެ ފަތުގައި ލިޔެވިގެންވާނެ ބިރުވެރި ދުވަހެކެވެ. އެ ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުގެ ބޮޑުކަމުން ކިރުދޭ މައިން އެއުރެންގެ ދަރިންގެ މަތިން ހަނދާންނެތި، އަދި ކޮންމެ އިންސާނަކުވެސް އަމިއްލަ ނަފްސުގެ ސަލާމަތަށް އެދި އަޚާއާއި، މަންމައާއި، ބައްޕައާއި، އަނބިދަރިންގެ ކިބައިން ފިލަންދާނެއެވެ. އަދި އެ ދުވަހުން އިންސާނާގެ ދުލުގައި ސިއްކަ ޖައްސަވައި، އޭނާ ކުރި ޢަމަލުތަކަށް އަތްތަކާއި ފައިތައް ހެކިދޭނެކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުން އެނގޭކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.  

މި މައުޟޫޢާ ގުޅުވައިގެން، ޤިޔާމަތްދުވަހަށް ތައްޔާރުވުމުގެ މުހިންމުކަން ބަޔާންކުރައްވަމުން ޚުޠުބާގައި ވަނީ ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ގެންނަވާފައެވެ:

މި ޙަދީޘްފުޅުގެ މާނައީ: "އަނަސްގެފާނު (ރَضِيَ اللَّهُ عَنْهُ) ގެ ކިބައިން ރިވާވެގެންވެއެވެ. މީހަކު ކީރިތި ރަސޫލާ ﷺ އާ ސުވާލުކުރިއެވެ: 'އޭ اللهُގެ ރަސޫލާއެވެ! ޤިޔާމަތްވަނީ ކޮން އިރަކުން ތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެ ދުވަހަށްޓަކައި ތިބާ ތައްޔާރުކުރީ ކޮން އެއްޗެއް ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ: "ތިމަންނާ އެ ދުވަހަށްޓަކައި ގިނަ ނަމާދުތަކާއި، ރޯދައާއި، ޞަދަޤާތްތަކެއް ތައްޔާރެއް ނުކުރަމެވެ. ނަމަވެސް ތިމަންނާ الله އާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިބާ ވާނީ ތިބާ ލޯބިވި ބަޔަކާއެކުގައެވެ.'"  

ޚުޠުބާ ނިންމަވާލައްވަމުން ނަސޭހަތްތެރިވެވަޑައިގެންފައިވަނީ ދުނިޔޭގެ ވަގުތީ އުފާތަކަށް ހައްލާނުވެ، ﷲ سبحانه وتعالى އަށް ބިރުވެތިވެ ތަޤުވާވެރިވުމަށެވެ. އަދި ކުރެވިފައިވާ ފާފަތަކަށް އިޚްލާޞްތެރިކަމާއެކު ތައުބާވެ، ފާފަފުއްސެވުމާއި ރަޙުމަތަށް އެދި ދުޢާކޮށް، ތައުބާވުމަށްފަހު އަލުން ފާފަތަކަށް ނުއެނބުރި ސާބިތުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް އިލްތިމާސްކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް