އިފުރު

އިފުރު

ރ. އިފުރުގައި ހިންގަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓުގެ ރަންވޭގައި ކޮންމެހެން ކުރަންޖެހޭ މެއިންޓެނެންސް މަސައްކަތްތަކެއް ކުރުމަށްޓަކައި، އެ އެއާޕޯޓަށް ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން މަޢުލޫމާތު ދޭ ގޮތުގައި، ރަންވޭގެ މަރާމާތުގެ މަސައްކަތަށް އެއާޕޯޓު ބަންދުކޮށްފައިވަނީ މިއަދު ހަވީރު 16:00 ގައެވެ.

އެއާޕޯޓުގެ ރަންވޭގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ނިންމުމަށްފަހު، އަލުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ފަތިހު 5:00 ގައެވެ. މޯލްޑިވިއަންއިން ވަނީ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.

އެއާޕޯޓު ބަންދުކޮށްފައިވާ ވަގުތުތަކުގައި ދަތުރުކުރުމަށް މީގެ ކުރިން ތައްޔާރުވެ، ޓިކެޓު ނަގާފައިވާ ފަރާތްތަކަށް އެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެއާލައިނުން ދަނީ ކުރަމުންނެވެ. އެގޮތުން، މިކަމާ ގުޅޭގޮތުން އެއްވެސް އެހީތެރިކަމެއް ނުވަތަ އިތުރު މައުލޫމާތެއް ބޭނުންވާނަމަ، މޯލްޑިވިއަންގެ ކޯލް ސެންޓަރު ނަންބަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން އިލްތިމާސްކުރެއެވެ.

ރާއްޖޭގެ އުތުރުގެ ދަތުރުފަތުރުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ އަދި އުތުރުގައި އޮތް އެންމެ ހިތްގައިމު އެއް އެއާޕޯޓުގެ ގޮތުގައި ފާހަގަކުރެވޭ ރ. އިފުރު އެއާޕޯޓަކީ މެއި 28، 2015 ގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށި އެއާޕޯޓެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް