ފުލުހުންގެ ތަމްރީނު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން އޮސްޓްރެލިއާއާއެކު ކުރެވުނު މަޝްވަރާގެ ތެރެއިން -- ފޮޓޯ: ފުލުހުން

ދިވެހި ފުލުހުންގެ ތަމްރީނު ފުރުސަތުތައް އިތުރަށް ފަހިކުރުމާއި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރާއްޖެއިން އޮސްޓްރޭލިއާއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އަދި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ) ގެ ސީނިއާ ލިއޭޒަން އޮފިސަރު ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ކެތަރިން ޕޮލްކިންހޯންއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އޭއެފްޕީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ތަހުގީގުކުރުމުގެ ދާއިރާއިން ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ފޯރުކޮށްދީފައިވާ ވަސީލަތްތަކުގެ އިތުރުން ފަންނީ އެހީތެރިކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން، ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި، ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ތަމްރީނުގެ ފުރުސަތުތައް އިތުރަށް ފަހިކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް