ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބީއެމްއެލް ކުރިމަތީ އޮންނަ ޕާކިން ޒޯން -- ފޮޓޯ/ އެމްޓީސީސީ

ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިމާރާތުގެ ކުރިމަތީގައި އޮތް ހުސްބިމުގައި ޕާކިން ޒޯނެއް ހިމެނޭހެން ފެރީ ޓާމިނަލެއް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަޙިއްޔާ ހުށަހެޅުއްވި މި މަޝްރޫއު، ކައުންސިލަރުންގެ އިއްތިފާގުން އިތުރަށް ދިރާސާކުރުމަށް މިހާރު ވަނީ އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވާފައެވެ.

މި އިމާރާތުގެ ޕްލޭނުގައިވާ ގޮތުން:

  • ތިރީ ފަންގިފިލާ: ރަށްރަށުން މާލެ އައިސްދާ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު ތިބެވޭނެ ފެރީ ޓާމިނަލަކާއި، ދެޖިންސަށް ވަކިން ފާޚާނާ ބަރިއެއް، ލުއިކާނާ ލިބޭނެ މިނީ ފިހާރައެއް އަދި ނަމާދުކުރާ ކޮޓަރިއެއް ގާއިމުކުރެވޭނެއެވެ.

  • ފުރަތަމަ އަދި ދެވަނަ ފަންގިފިލާ: މުޅިންވެސް ޚާއްސަކުރެވޭނީ ސައިކަލު ޕާކުކުރުމަށެވެ.

  • އެންމެ މަތީ ފަންގިފިލާ: ލިފްޓާއެކު ފުޑް ކޯޓުތަކެއް ގާއިމުކުރެވޭނެއެވެ.

މި މަޝްރޫއުގެ ސަބަބުން މާލޭގައި އުޅޭ އާންމުންނަށާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބުމުގެ އިތުރުން، އިމާރާތުގައި ހިމެނޭ ފިހާރައާއި ފުޑް ކޯޓުތަކުން ކައުންސިލަށް އާމްދަނީ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ކައުންސިލަރު ޒަޙިއްޔާ ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް