މާލޭގެ ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްގީކުރި ސަރަހައްދުގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕު ސްޓޭޝަންގެ މަސައްކަތް އަދި ފުރިހަމަނުވާތީ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޮޑު ތަކުރުފާނު މަގުގައި އަލަށް ތަރައްޤީކޮށް ހުޅުވި ސަރަހައްދުގައި ފެންބޮޑުވާ މައްސަލާގައި އެކުންފުނިން ނެރުނު ބަޔާނުގައި ބުނީ މަގު އާންމު ދަތުރުފަތުރަށް ހުޅުވާލި ނަމަވެސް ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް ހުރިކަން ކުރިންވެސް ވަނީ އަންގާފައި ކަމަށެވެ. އެގޮތުން ޕަމްޕު ސްޓޭޝަންތައް ބަހައްޓައި، ޓެސްޓުކޮށް ކޮމިޝަންކުރުމުގެ މަސައްކަތް އޮގަސްޓް 15 ވަނަ ދުވަހުގެ ކުރިން ނިންމާލުމަށް ވަނީ ރޭވިފައެވެ.

އަދި މި މަސައްކަތްތައް ނިމެންދެން، ކުރިއަށްއޮތް ވިއްސާރައިގައި މަގުގައި ފެންބޮޑުވާނަމަ ފެން ހިންދުމުގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.
ރިންގް ރޯޑް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން މާލޭގެ ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް މަގު ފުޅާކޮށް ތާރުއެޅުމުގެ ސަބަބުން މާލޭގެ ޓްރެފިކަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. މި މަޝްރޫއުގެ ފުރަތަމަ ދެ ފިޔަވަހީގެ ދަށުން 10,707 އަކަމީޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި، 1,060 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.



