އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖެއްގައި، ޤައުމުގެ އިޤްތިޞާދީ އަދި ޑިޖިޓަލް ކުރިއެރުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އިންސާނުންނަށް އަނިޔާދީ، އެކަމުން ނަފާ ހޯދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ. މުޖުތަމަޢުގެ އެކި ފަންތިތަކުގެ ޖަމްޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ އިތުރުން ހުރިހާ ރައްޔިތުންވެސް މިފަދަ ކަންކަމަށް އަބަދުމެ ސަމާލުވެ ތިބުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އިން އަލިއަޅުވާލަނީ ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތާއި ޑިޖިޓަލް ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުން ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖައްސަމުންދާ ކަމަށެވެ. މިއީ މުޅި ސަރަޙައްދަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށާއި، ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ސައްޙަނޫން ވަރކް ޕާމިޓްތަކުގެ މައްސަލަ ހައްލުކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" އާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭން އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިވުމަށް 'މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރު' އާއި 'މައިގްރެންޓް ކަނެކްޓް ޕޯޓަލް' ޤާއިމުކުރުމުގެ އިތުރުން، ކުރިއަށް އޮތް 2026-2029 ގެ އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭނަކީ އަނިޔާލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ލިބުނު ސާފު މަގުޗާޓެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އިންސާނީ ކަރާމާތަކީ އެއްވެސް އުނިކަމެއް އަތުވެގެންވާނެ އެއްޗެއް ނޫން ކަމަށެވެ. އަދި ގައުމުގެ ތަރައްޤީއާއެކު ޢަދުލުއިންޞާފު ޤާއިމުވެ، ކޮންމެ މީހަކަށްމެ އިޙްތިރާމާއި ޤަދަރާއެކު މުޢާމަލާތްކުރެވޭނެ ފަދަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.




