ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެއަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު (ޔެލޯ އަލާޓް) ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް، މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.  

ކުރިއަށް އޮތް ހަފްތާ ބަންދުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ހާމަކުރެއެވެ. ނަމަވެސް، އަންނަ އާދީއްތަ ދުވަހުން ފެށިގެން މޫސުން އަލިކޮށްލާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވައިގެ ބާރުމިނާއި ކަނޑުގެ ހާލަތު:  

  •  ދެކުނުގެ އަތޮޅުތަކަށް: އިރުދެކުނާއި ދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.  
  •  މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް: ހުޅަނގު އުތުރުން ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.  
  •  ވިލާގަނޑުގައި: ގަޑިއަކު 35 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.  
  •  ކަނޑުތަކުގެ ރާޅުގެ އުސްމިން: 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް