އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންގެ ބޭނުންތަކަށް ޖުމްލަ 478 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މިއީ ރާއްޖޭގައި ބޭރު ފައިސާއަށް ބޭނުންޖެހިފައިވާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަން ހާމަކޮށްދޭ އަދަދެކެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއިން ބޭރަށް މުދަލާއި ހިދުމަތްތަކަށް ފައިސާ ފޮނުވުމަށް ޓެލެގްރާފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް 166 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެ ތެރޭގައި ހިމެނޭ 311,722 ރެމިޓެންސް މުއާމަލާތަކީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހިންގި 261,168 މުއާމަލާތާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ އިތުރުން، ޑެބިޓް އަދި ކްރެޑިޓް ކާޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބީއެމްއެލްއިން ވަނީ 226 މިލިއަން ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ދޫކުރި 175 މިލިއަން ޑޮލަރާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ. ބޭންކުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަހު އެވްރެޖްކޮށް ކޮންމެ މަހަކު 80 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ.
ފާއިތުވި ދެއަހަރަރިބައިގެ ރެކޯޑު ތަފާސްހިސާބު
މި ތަފާސްހިސާބުތަކަށް އިތުރު ބާރެއް ލިބިގެންދަނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި (2024 އިން މިއަހަރުގެ ޖޫންގެ ނިޔަލަށް) ބީއެމްއެލްއިން ޖުމްލަ 1.7 ބިލިއަން ޑޮލަރު ދޫކޮށްފައިވާކަން ހާމަކުރުމުންނެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު 77 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެ ތެރޭގައި ބޭރުގައި ކިޔަވާ ދަރިވަރުންނާއި ބޭސްފަރުވާއަށް ފުރާ މީހުންނަށް ދޫކުރާ ޑޮލަރުގެ އަދަދުވެސް މަހަކު އެވްރެޖްކޮށް 5.8 މިލިއަން ޑޮލަރަށް ވަނީ އުފުލިފައެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބޭންކުން ދަނީ ގައުމުގެ އިގްތިސާދީ އަދި އާންމުންގެ އަކްސަރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ. އަދި ބާޒާރުގައި ޑޮލަރުގެ ތަދުމަޑުކަމެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން، ބޭންކުން ތާރީޚުގައިވެސް އެންމެ ގިނައިން ޑޮލަރު ދޫކުރަމުންދަނީ މިހާރުކަން އޭނާ ފާހަގަކުރެއްވިއެވެ.




