ކުރިއަށް އޮތް ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި އަންނަ އާދީއްތަ ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މޫސުން ގޯސްވާނެއެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.
މީގެއިތުރުން، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވަކިން ޚާއްޞަކޮށް ހުކުރު ދުވަހު ކަނޑުތައް ގަދަވާނެ ކަމަށް މެޓުން މައުލޫމާތު ދެއެވެ. އަދި ރާޅުގެ އުސްމިން އާންމުގޮތެއްގައި 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި، ބޮޑެތި ކަނޑުތަކުގައި ރާޅުގެ އުސްމިން 6 ފޫޓަށް އެރުން އެކަށީގެންވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެއިތުރުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.



