ހަށި ވިއްކުމުގެ މައްސަލައެއް ސާބިތުވެ ފުވައްމުލަކު އަންހެނަކު ހަތް އަހަރަށް ޖަލަށްލުމަށާއި، ނާސިގެއެއް ހެދުމުގެ ކުށް ސާބިތުވެ ފިރިހެނަކު ފަސް އަހަރަށް ޖަލަށްލުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ ދެ އަންހެނަކާއި ފިރިހެނެއްގެ މައްޗަށް ދައުލަތުން އުފުލި ފަސް ދައުވާއަކާ ގުޅިގެން ކުރިއަށްގެންދިޔަ މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހަށި ވިއްކުމާއި، ނާސިގެއެއް ހެދުމުގެ ދައުވާގެ އިތުރުން ބްލެކްމެއިލް ކުރުމާއި، އޮރިޔާން ކާޑު ހެދުމުގެ ދައުވާ އަދި އެހެން މީހެއްގެ ރުހުމާ ނުލައި ޖިންސީ ގުނަވަނެއް ފެންނަ ގޮތަށް އޮރިޔާން ކާޑު ހެދުމުގެ ދައުވާ ހިމެނެއެވެ. މި މައްސަލައިގައި ހިމެނޭ ދެވަނަ އަންހެން މީހާގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެފައިވާއިރު، ޖަލު ހުކުމް އައިސްފައިވަނީ އަނެއް އަންހެން މީހާއާއި ފިރިހެން މީހާގެ މައްޗަށެވެ.
މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަށް އުފުލި ބްލެކްމެއިލް ކުރުމުގެ ދައުވާއާއި، އޮރިޔާން ކާޑު ހެދުމުގެ ދައުވާތައް އެއްވެސް މީހެއްގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ. މުޖުތަމައުގެ އާންމު އަޚްލާގީ މިންގަނޑު ހިފެހެއްޓުމުގެ ގޮތުން މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާނުލައެވެ.



