މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން، ޕޯޓުގެ ބައެއް ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ބޭނުންކުރާނެ ކަމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މުޅި ޕޯޓު އޮޕަރޭޝަންގެ ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުވި ނަމަވެސް، މާލޭގެ މިހާރުގެ ބަނދަރު ހުރި ސަރަހައްދުން އެއްވެސް ޚިދުމަތެއް ދެން ނުދޭނެއެވެ. އޭގެ ބަދަލުގައި، ތިލަމާލެ ބްރިޖު މާލެއާ ގުޅޭ ސަރަހައްދުގައިވާ އިންޑަސްޓްރިއަލް ވިލެޖާއި ޓީޖެޓީ ސަރަހައްދުން ޕޯޓުގެ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. އަދި ބްރިޖްގެ މަސައްކަތް ނުނިމުނު ކަމުގައި ވިޔަސް، ކޮންޓޭނަރ އޮޕަރޭޝަންތަކާއެކު ރޯރޯ (ރޯލް އޮން-ރޯލް އޮފް) ފެރީގެ ޚިދުމަތް މެދުވެރިކޮށް ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު މުޅި އޮޕަރޭޝަން ޑިޖިޓަލައިޒްކޮށް އޮޓޮމޭޓް ކުރެވިގެންދާނެތީ، މަސައްކަތުގެ ހިންގުން އަވަސްވެ، މުދާ ބޭލުމާއި ބަރުކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެގެންދާނެއެވެ. މީގެއިތުރުން، އަމިއްލަ ވިޔަފާރިތަކަށް އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށިން ޖާގަ ދޫކޮށް ލުއިތަކެއް ދިނުމަށް ވަނީ ރޭވިފައެވެ. ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީ ގުޅިގެން ތަރައްޤީކުރާ ތިލަފުށީ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 10 ގުނަ ބޮޑު އަދި 3 ގުނަ ދިގު މަގަތުފާލަމެއް އެކުލެވޭ، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.



