ކ. ގާފަރުގައި ތަރައްޤީކުރާ އައުޓްޑޯ ޖިމްމްގެ މަސައްކަތް ނިމުމަކާއި ގާތަށް!

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރޯޑް ޑީވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއިނ)ް ކ. ގާފަރުގައި ތަރައްޤީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

އާރުޑީސީއިން ބުނީ މި މަޝްރޫޢުގެ މިހާރު ކުރިއަށްދަނީ ކަސްރަތު ކުރުމަށް ބޭނުންކުރާ  އާލާތްތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫޢަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްޙީ އާދަކާދަތައް އަށަގަންނުވައި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން އިސްކަންދީގެން ރަށްރަށުގައި ކުޅިވަރާއި ކަސްރަތުގެ ވަސީލަތްތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، ޖިމް ބެހެއްޓުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގެ ސިވިލް މަސައްކަތްތަކާއި، ކޮންކްރީޓް ފައުންޑޭޝަން އަޅައި ތަން ތައްޔާރުކުރުމުގެ ބައިތައް ވަނީ މުޅިން ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ މޫސުމީ ބަދަލުތަކަށް ގޮންޖެހޭ ފަދަ، ގިނަ ދުވަހަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ކަސްރަތު އާލާތްތައް ރައްކާތެރިކަމާއެކު ހަރުކުރުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ހިތުގެ ދުޅަހެޔޮކަމަށް ކުރާ ކާޑިއޯ ކަސްރަތުތަކާއި، ހަށިގަނޑުގެ ވަރުގަދަކަން އިތުރުކުރުމަށް ކުރާ ކަސްރަތުތަކަށް ބޭނުންވާ ތަފާތު އެކި ބާވަތުގެ ވަސީލަތްތައް ހިމެނެއެވެ.

ގާފަރުގެ އިޖުތިމާޢީ މާޙައުލަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ މި އައުޓްޑޯ ޖިމްގެ މަސައްކަތް މުޅިން ނިމި ބޭނުންކުރަން ފެށުމުން، ޒުވާނުންނާއި، އަންހެނުން އަދި އުމުރުން ދުވަސްވީ މީހުންނަށްވެސް އެއްވެސް ޚަރަދަކާ ނުލައި ހިލޭ ކަސްރަތުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ ރަށުގެ ކުޅިވަރުގެ ދާއިރާ އިތުރަށް ފުޅާވެ، އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށާއި ސިއްޙީ ގޮތުން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމައި، ރައްޔިތުންގެ ބޭނުމަށް ޖިމް ރަސްމީކޮށް ހުޅުވާލުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް