ޖާގަ ބޮޑު، ވަސީލަތްތައް ފުރިހަމަ، މާލޭ ވިޔަފާރި ބަނދަރު (މާލެ ޕޯޓު) ތިލަފުއްޓަށް ބަދަލުކޮށް، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރި ބަނދަރުގެ މައިގަނޑު 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައިވާ އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށެވެ. އަދި ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އުފުލުން މާލޭގެ އެތެރޭގެ ދަތުރުފަތުރަށް ދަތިނުވާގޮތަށް އިންތިޒާމުކުރެވޭނެއެވެ.
ޒަމާނީ ޑިޖިޓަލައިޒްޑް ނިޒާމަކުން ހިންގާ މި ޕޯޓު ސަރަޙައްދުގައި ޕްރައިވެޓް އިންވެސްޓަރުންނަށް ބޮޑެތި އިންސެންޓިވްތަކެއް ދީގެން ފިހާރަތަކާއި ވިޔަފާރިތައް ހުޅުވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން، އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އޮތް ބައިގެ މަސައްކަތާއެކު، ލޯންޗުތައް ބޭނުންކުރާ ސަރަޙައްދުގައި އިތުރު ފިންގަރ ޖެޓީތައް ހަދައި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރަށް ލަފާފުރުން މިހާރަށްވުރެ ލުއިފަސޭހަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޕޮޑްކާސްޓުގައި ރައީސް މުޢިއްޒު ވަނީ މިނިވަން ދުވަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރައްދުވި ފާޑުކިޔުންތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުޙަބާ ވިދާޅުވަމުން އެމަނިކުފާނު ފާހަގަކުރެއްވީ، އެ ދުވަހު ދެއްކެވި ވާހަކަފުޅަކީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި، އެކަންކަން އިޞްލާޙުކުރަން ކުރެވޭ މަސައްކަތްތަކާއި، ކުރިއަށް އޮތް ޕްލޭންތައް ޤައުމަށް ސާފުކޮށްދެއްވުމުގެ ހެޔޮ ނިޔަތުގައި ދެއްކެވި އިޚުލާޞްތެރި ވާހަކަފުޅުތަކެއް ކަމަށެވެ.
އަދި ކޮރަޕްޝަނާއި އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ މިހާރުވެސް ތަފާސްހިސާބުތަކުން ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



