ރޮބޮޓިކް ސާޖިކަލް ސިސްޓަމް.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރުމަށް "މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް" ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓުކުރުމުގެ އިތުރުން މެއިންޓަނަންސްއާއި ތަމްރީނު ދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބީލަމަށް ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގެ ސިއްހީ ނިޒާމަށް ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ކުރެވޭ ފުރަތަމަ މަސައްކަތެވެ. މި މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ބައިނަލްއަގުވާމީ ފަރާތްތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ކޮބާ؟

މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ޑޮކްޓަރުން ކޮމްޕިއުޓަރު ކޮންސޯލެއް މެދުވެރިކޮށް ރޮބޮޓިކް އަތްތަކެއް ކޮންޓްރޯލްކޮށްގެން އޮޕަރޭޝަންތައް ކުރުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތެކެވެ. މި ނިޒާމުގައި ކެމެރާއަކާއި، އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ ތަފާތު އާލާތްތައް ހަރުކޮށްފައިވާ އެތައް ރޮބޮޓިކް އަތްތަކެއް ހިމެނެއެވެ. ބަލިމީހާގެ ހަށިގަނޑުން ކުދިކުދި އެތައް ތަނެއް ކަނޑައިގެން، އެ ތަންތަނުން ރޮބޮޓިކް އަތްތައް އެތެރެކޮށްގެން އޮޕަރޭޝަން ކުރެވެއެވެ.

މި ނިޒާމުގެ މައިގަނޑު ފައިދާތައް:

  • ގެއްލުން ކުޑަވުން: ބަލިމީހާގެ ހަށިގަނޑުން ކަނޑަންޖެހޭ ތަން ކުޑަވުމުގެ ސަބަބުން ލޭ ފައިބާ މިންވަރު މަދުވެއެވެ.

  • އަވަހަށް ރަނގަޅުވުން: އޮޕަރޭޝަނަށްފަހު ބަލިމީހާ އާންމު ހާލަތަށް ރުޖޫއަވުމަށް ނަގާ ވަގުތު އަވަސްވެ، އިންފެކްޝަން އުފެދުމުގެ ފުރުސަތު ކުޑަވެއެވެ.

  • ސާފުކޮށް ފެނުމާއި ސައްހަކަން: ކެމެރާގެ ޒަރީއާއިން އެތެރެހަށީގެ ގުނަވަންތައް ތްރީ ޑީ ކޮށް އަދި ވަރަށް ސާފުކޮށް ފެންނަން ހުރުމާއި، އިންސާނެއްގެ އަތަށްވުރެ ރޮބޮޓިކް އަތްތަކުގެ ހަރަކާތްތައް ފުރިހަމަވުމުން ނާޒުކު އޮޕަރޭޝަންތައް ކުރަން ފަސޭހަވެއެވެ.

ޚާއްޞަކޮށް ކެންސަރުގެ ބައެއް އޮޕަރޭޝަންތަކާއި، ހިތުގެ އަދި ކުޑަކަމުދާ ނިޒާމުގެ ނާޒުކު އޮޕަރޭޝަންތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މި ނިޒާމު ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް