ރަތްކަނޑުން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ބޯޓަކަށް އަމާޒުކޮށް ޔަމަނުގެ ހޫޘީ ޖަމާއަތުން ދިން ބެލިސްޓިކް މިސައިލް ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާދީފައިވަނީ ރަތްކަނޑުން ދަތުރުކުރާ ސައުދީގެ އުޅަނދުފަހަރަށް އަމާޒުކޮށް، އެ ސަރަހައްދުން ދަތުރުފަތުރުކުރުން މަނާކޮށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން އާއްމުކުރެއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިފަދަ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަލާމަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. އަދި ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ރަތްކަނޑާއި ބާބުލް މަންދަބު ސަރަހައްދުގެ ހަމަޖެހުން ނަގާލުމަކީ ދުނިޔޭގެ އިގްތިސާދަށާއި ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން ސަރަހައްދީ މަސްލަހަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަމަށް ރާއްޖެއިން ގަބޫލުކުރެއެވެ.
މި ބަޔާނުގައި ރާއްޖެއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ނަންބަރު 2216 އަދި 2722 އާ އެއްގޮތަށް އަމަލުކުރުމަށާއި، އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކު ރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކޮށް، އެ ގައުމުގެ އިސްތިގުލާލާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާކަން ވަނީ ޔަގީންކޮށްދީފައެވެ.




