މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ މަސައްކަތް ނިމުމާ ގުޅިގެން އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އާންމު ހާލަތަށް އައިސް، އާރްޓީއެލް ބަހުގެ ދަތުރުތައް ކުރީގެ ރޫޓުތަކުން ދޭން ފަށައިފިއެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މަގުގެ މަސައްކަތަށްޓަކައި ބަސް ރޫޓުތަކަށް ވަގުތީ ގޮތުން ގެނެވުނު ބަދަލުތައް މިހާރު ވަނީ އުވާލާފައެވެ.
އެގޮތުން، އާރްޓީއެލް މާލޭ ބަހުގެ ޚިދުމަތުގައި ހިމެނޭ R10 (އޯކިޑް ރޫޓު) އަދި R12 (ސޯސަން ރޫޓު) ގެ ދަތުރުތައް މިއަދުން ފެށިގެން ކުރިއަށްދާނީ ކުރީގެ ތާވަލާ އެއްގޮތަށް ބޮޑުތަކުރުފާނު މަގުންނެވެ. މިއާއެކު، ބަސް ދަތުރުތަކާ ބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ސެގްމެންޓް ދެއަކުން ފެށިގެން ފަހަކާ ހަމައަށް ހުރި ސަރަހައްދުގެ މަސައްކަތް ނިންމައި، އާންމު ދަތުރުފަތުރަށް ހުޅުވާލީ ހުކުރު ދުވަހުގެ ހަވީރުއެވެ. މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް ތާރުއެޅުމުގެ އިތުރުން، ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކޮށް، ފެން ހިންދާ ޒަމާނީ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.
މަގު އާންމުންނަށް ހުޅުވާލުމާއެކު، ކަނޑައެޅިފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މި ބަދަލުތަކާއެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ދަތުރުވެރިންނަށް ބޮޑުތަކުރުފާނު މަގުން ދަތުރުކުރުމުގައި މިހާރު އެއްވެސް ހުރަހެއް ނެތެވެ.


