މިއުޒިކް ޝޯ ހުއްޓުވަން ނާންގަން، އެދުނީ ތަން ބަދަލުކުރަން: ސްޕޯޓްސް މިނިސްޓްރީން

އޮސްޓްރޭލިއާގެ މަޝްހޫރު "ބިޔޯން އަގެއިން" ބޭންޑުގެ ޝޯ ރާއްޖޭގައި ބާއްވަން އުޅެނިކޮށް ސަރުކާރުން ނުހުއްޓުވާ ކަމަށާއި، އެދިފައިވަނީ ސޯޝަލް ސެންޓަރު ނޫން އެހެން ތަނެއްގައި ޝޯ ބޭއްވުމަށް ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އުބާ އިވެންޓްސްއިން ސްޕޮންސަރުން ހޯދައި، ޓިކެޓު ވެސް ވިއްކާފައި ވަނިކޮށް ސަރުކާރުން މި ޝޯ ހުއްޓުވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ސަރުކާރުން އިންތިޒާމުކުރާ އެކްސްޕޯތަކާއި މިނިވަން ކާނިވަލް ފަދަ ހަރަކާތްތަކުގައި މިއުޒިކް ޝޯތައް ބާއްވަމުންދާއިރު، މިފަދަ ޝޯއެއް ކެންސަލް ކުރަން އެންގުމުން ކަމަށް ބުނެއެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކޮށް މިނިސްޓްރީން ބުނީ، ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ދެކެވޭ ވާހަކައަކީ ޙަޤީޤަތެއް ނޫން ކަމަށާއި، އެދުނީ ޝޯ ބާއްވާ ތަން އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް ކަމަށެވެ. އަދި އެހެން ތަނެއް ހަމަޖެއްސުމުގައި އެހީތެރިވެދޭނެކަމުގެ ޔަގީންކަން ޝޯ އިންތިޒާމުކުރާ ފަރާތަށް ދީފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރިއެވެ.

މިނިސްޓްރީން ސޯޝަލް ސެންޓަރު ބަދަލުކުރަން އެންގި ސަބަބެއް ކަމަށް ބުނީ، އެ ސެންޓަރުގެ އިންޑޯ ހޯލާއި ސްޓޭޖުގެ ފުރާޅު ހިމެނޭ ގޮތަށް ވަގުތުން ކުރަންޖެހޭ ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޝޯ ރާއްޖޭގައި މަނާކޮށްގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާ ދިވެހިންގެ ތަނަކަށް ވާއިރު، ޒުވާނުން އެދޭ ކަންކަން ކުރެވޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް