ހުޅުމާލެ ރަޝު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގާ ޚާއްޞަ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ހުޅުމާލެ ރަޝު މާރުކޭޓުގައި ޓާސްކް ފޯސްއިން ހިންގި އިންސްޕެކްޝަނެއްގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 55 ބިދޭސީއަކު ވަނީ ސުވާލުކޮށް ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން ވިސާގެ ޤަވާއިދުތަކާ ޚިލާފަށް އުޅެމުންދިޔަ އަދި ސައްޙަ ލިޔެކިޔުން ނެތް 20 ބިދޭސީއަކު ފާހަގަކުރެވި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، މޯލްޑިވްސް އިމިގްރޭޝަން، ފުލުހުން އަދި ކަމާބެހޭ އިދާރާތައް ގުޅިގެން އެކުލަވާލާފައިވާ ޚާއްޞަ ޓާސްކް ފޯސްއިން ކުރިއަށްގެންދާ ސިލްސިލާ އިންސްޕެކްޝަންތަކުގެ ތެރެއިން ކުރިއަށްދިޔަ ހަރަކާތެކެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް މަޢުލޫމާތު އެއްކޮށް، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، ޤަވާއިދުގެ ތެރެއަށް ނުފެތޭ ބިދޭސީން ފޮނުވާލުމެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް މިފަދަ އިންސްޕެކްޝަންތައް މިހާރު އަންނަނީ ވަރުގަދަކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް