އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރުމަށް ބޭނުންވާ ސާމާނު ހޯދުމުގައި ހުރި ދަތިތައް ކުރިއަށް އޮތް 3 ނުވަތަ 4 މަސްދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ސަޢުދީ ވިދާޅުވީ، އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތައް ނިންމުމަށްޓަކައި "މަހާ ޖައްރާފު" ގެ އިތުރުން 6 ޑްރެޖަރެއް ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން ކަޓަރ ސަކްޝަން ޑްރެޖަރ ބޭނުންކޮށްގެން ތުޅާދޫއާއި ލ. މާވައް ހިއްކަމުންދާއިރު، މަޑަވެއްޔާއި ފަރެސްމާތޮޑާ އަދި "މަހާ ޖައްރާފު" ބޭނުންކޮށްގެން ގިރިފުށި ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މީގެއިތުރުން އިތުރު 16 މިލިއަން ސީބީއެމް ހިއްކުމަށް އިތުރު ހޮޕާ ޑްރެޖަރެއް 10 މަހަށް ކުއްޔަށް ނަގަން 105 މިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ކުރަންޖެހުމަކީ ގޮންޖެހުމެއް ނަމަވެސް، ޚާއްޞަ ޕްލޭންތަކަކާއެކު އެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެއާޕޯޓްތަކާއި ސިއްޙީ މަރުކަޒުތަކުގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ސަޢުދީ ވިދާޅުވީ، މަސައްކަތްތައް ނިންމުމަށް ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ މަޝްރޫޢު ފެށުމަށްފަހު ސްކޯޕަށް އަންނަ ބަދަލުތައް ކަމަށެވެ. އެގޮތުން މޯލްޑިވިއަންއިން އޮޕަރޭޓްކުރާ ފްލައިޓްތައް ބޮޑުވުމާ ގުޅިގެން ރަންވޭތަކުގެ ސައިޒު ބޮޑުކުރަންޖެހިފައިވާއިރު، އަލިފުށީ އެއާޕޯޓުގެ މަސައްކަތްވެސް އައު އިސްލާހުތަކާއެކު އަލުން ފެށުމަށް ތައްޔާރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި އަންނަ އަހަރުގެ ނިޔަލަށް ނިންމަންޖެހޭ ސިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލްތައް ދެނެގަނެވިފައިވާ ކަމަށާއި، ތަކެތި ހޯދުމުގައި ހުރި ދަތިތައް ފިލުވައިގެން ކުރިއަށް އޮތް މަސްތަކުގައި މަޝްރޫޢުތަކުގެ ދުވެލި ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމުގެ ޔަގީންކަން އެމްޑީ ސަޢުދީ ދެއްވިއެވެ.




