ށ. މިލަންދޫ ސްކޫލު ސަރަހައްދުގައި އާރްޑީސީން ހަދާ ޕާކިންގ ޒޯނުގެ މަސައްކަތް ބާރަށް ކުރިއަށް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ތަރައްޤީކުރާ ޕާކިންގް ސަރަޙައްދުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިވަގުތު ސައިޓުގައި ކުރިއަށްދަނީ ޕާކިންގ ސަރަހައްދުގައި ކޮންކްރީޓް ސްލެބް އެޅުމުގެ މުހިންމު މަސައްކަތްތަކެވެ.

މިލަންދޫ ސްކޫލަށް ދާ ދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވާ ތޮއްޖެހުމާއި މަގުމަތީގެ ރައްކާތެރިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއަކީ އާރްޑީސީގެ ހިލޭ އެހީގެ ދަށުން، އެ ކުންފުނީގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ އިޖުތިމާއީ ހިދުމަތެކެވެ. ކުުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މުޅިން ނިންމާލުމަށް ވަނީ ރޭވިފައެވެ.

މި ޕާކިންގ ސަރަހައްދު ބޭނުންކުރަން ފެށުމުން، ސްކޫލް ވަގުތުތަކުގައި މަގުމަތީގެ ނުވަތަ ޓްރެފިކް ތޮއްޖެހުން ކުޑަވެ، ސައިކަލާއި އެހެނިހެން އުޅަންދުފަހަރު އިންތިޒާމުވެގެން ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، މިއީ ސްކޫލަށް ވަދެނުކުމެ އުޅޭ ކުދިންނަށް މަގުމަތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ މުހިންމު ބަދަލެއް ކަމަށްވެސް އާރްޑީސީން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް