ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން މާދަމާ ހަވީރު 16:30 ގައި ހުޅުމާލޭގައި ބޭއްވުމަށް އެމްއެންޑީއެފުން ވަނީ ނިންމާފައެވެ. މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ.
މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑާއެކު ޖުމްލަ ހަ ގެމައަކުން ބައިވެރިވާނެއެވެ. އަދި ސިފައިންގެ އެކި ޔުނިޓުތަކުގެ ހުނަރުވެރިކަމާއި، އަސްކަރީ އުޅަނދުތައް އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. ހިނގާލުމުގެ ތެރެއިން މައިގަނޑު ދެ ސަރަހައްދެއްގައި މަޑުކޮށް، ސިފައިންގެ ބޭންޑުން ޤައުމީ ރޫޙު އާލާކޮށްދޭ ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސެންޓްރަލް ޕާކް ކައިރިން ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅޭ ކަންމައްޗާއި، ސިފްކޯ ފުލެޓް ކައިރިން ރީތިގަސްމަގާއި އަސުރުމާހިނގުން ގުޅޭ ކަންމައްޗެވެ.
މި ހަރަކާތް ކުރިއަށްދާ ވަގުތު ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެތީ، އާންމުން އެކަމަށް ސަމާލުވެ، ޓްރެފިކް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




