ލެ ސަރަހައްދުން މިދިޔަ ހަފްތާގައި އިތުރު ދެ މީހަކު ހިމަބިއްސަށް (މީސަލްސް) ފައްސިވެ، މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 186 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޢުލޫމާތު ދެއްވާ ގޮތުގައި، ބަލި ފެތުރުން ކަންތައްތައް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާތަނަށް 120،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ސެންޓަރުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގެ އިތުރުން އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރު (ޔޫޕީއެޗްސީސީ)، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުން ވަކި ގަޑިތަކެއްގައި އާންމުންނަށާއި ބަލިޖެހިފައިވާ މީހުންނާ އެއްތާވި (ކޮންޓެކްޓްވި) ފަރާތްތަކަށް ވެކްސިން ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅުނު ނަމަވެސް، 2020 އަދި 2023 ވަނަ އަހަރުވެސް މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ. ހުންއައުމާއެކު މޫނާއި ކަރާއި މޭމަތީގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުމަކީ މި ބަލީގެ މައިގަނޑު އަލާމާތްތައް ކަމަށްވާތީ، މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ.




