މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް އެކެއްގައި ދަތުރުވެރިންނަށް އަރާމުކޮށްލެވޭނެ، އިތުރު ހިދުމަތްތަކާއެކު އާ ސަރަހައްދެއް ހުޅުވައިފިއެވެ.
މިއީ އެއާޕޯޓުން ފުރާ ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރު ލުއިފަސޭހަތަކާއެކު ހިތްގާއިމު މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޓާމިނަލްގެ ފުރަތަމަ ބުރީގައި ގާއިމުކުރެވުނު މި އާ ސަރަހައްދާއެކު، ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ ޖާގައެއް ވަނީ އިތުރުވެފައެވެ. ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ގޮނޑިތައް ހިމަނައިގެން ފަރުމާކޮށްފައިވާ މި ސަރަހައްދުގެ އިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައެވެ. އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނޭ މި ކުޅޭ ސަރަހައްދަކީ ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

މީގެ އިތުރުން، ދަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހާއްސަ ކައުންޓަރެއް މިއާ ޖާގައިގައި ވަނީ ގާއިމުކޮށްފައެވެ. މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި، މި އާ ސަރަހައްދު ހުޅުވުމަކީ ޓާމިނަލް އެކެއްގެ ހިދުމަތްތައް ކުރިއަރުވައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ، ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ އަދި އެންމެންނަށްވެސް ބޭނުންކުރެވޭނެ ފުރިހަމަ ތަނަކަށް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.



