އުދަ އަރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދުވެސް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ނެރުނު އެލާޓްގައިވާ ގޮތުން މިއަދުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރުފަސް 3:30 އާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ. އިއްޔެވެސް ދެ ފަހަރެއްގެ މަތިން މުޅި ރާއްޖެއަށް އުދައިގެ އެލާޓް ނެރެފައިވާއިރު، ފާއިތުވި އާދިއްތަ ދުވަހު ދިޔަވަރު ބޮޑުވި ވަގުތު މާލޭގެ އެކި ސަރަހައްދުތަކަށް އުދައަރައި ގެއްލުންތަކެއް ވަނީ ވެފައެވެ.
މިއަދާއި މާދަމާ އުދައިގެ ނުރައްކާ ބޮޑުވާނެ ކަމަށް ބެލެވެނީ، މިއަދަކީ ހަނދު ފުރިހަމަވާ ދުވަސް ("ބަކް މޫން") ކަމަށްވެފައި، އާންމުކޮށް ހަނދު ދައުރުވާ ވަރަށްވުރެ ދުނިޔެއާ ކައިރިން ދައުރުކުރާތީއެވެ. މި ބަދަލާއެކު މިއަދު ހަނދު އާންމުކޮށް ފެންނަ ވަރަށްވުރެ ހަތް އިންސައްތަ ބޮޑުކޮށް ފެންނާނެއެވެ. ހަނދާއި ދުނިޔޭގެ ދުރުމިން ކައިރިވުމުގެ އިތުރުން، ހުޅަނގު މޫސުމުގެ ވައި ބާރުވުމުގެ ސަބަބުން މާލެ ހިމެނޭހެން ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިއަދު މާލެއަށް ދިޔަވަރު އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެނީ މެންދުރުފަސް 1:33 ގައި (2.6 ފޫޓަށް) އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މެންދުރުފަސް 2:10 ގައި (3 ފޫޓަށް) ދިޔަވަރު މައްޗަށް ދާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.



