ކުރީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ބަލައި ތަހުގީގެއް ހިންގުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން، 53 މެންބަރުންގެ އިއްތިފާގުން މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފައެވެ. މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ފެނަކައިގެ އައްޑޫ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހުގައެވެ.
އެ އޮޑިޓް ރިޕޯޓުން ހާމަވި ގޮތުގައި ފެނަކައިގެ އައްޑޫ ބްރާންޗުން މަޝްރޫއުތައް ހިންގާފައިވަނީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވާގޮތަށެވެ. އެގޮތުން ކަރަންޓާއި ފެން ބިލްތަކުން 77 މިލިއަން ރުފިޔާ ނުލިބިވާ އިރު، ޕެޓީ ކޭޝްގެ ތެރެއިން މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296 ރުފިޔާގެ ތަކެތި ގަނެފައިވެއެވެ. އަދި ލިޔެކިޔުން ފޯޖުކޮށްގެން 130،220 ރުފިޔާ ނަގާފައިވާ އިރު، ޕެޓީ ކޭޝްއިން ހަރަދުކުރި 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ޚިދުމަތާއި ތަކެތި ލިބިގެން ކުރި ޚަރަދުގެ އަދަދު ކަށަވަރުނުވާ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވަނީ ފެނަކައިގެ ފައިސާއަށް ހިޔާނަތްތެރިވި ކުރީގެ ބޯޑު މެންބަރުންނާއި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަ ފުލުހުންނަށާއި އޭސީސީއަށް ހުށަހެޅުމަށާއި، އާއިލީ ވިޔަފާރިތަކުން މުދާ ނުހޯދޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ. ހަމައެއާއެކު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގު ވަނީ އައްޑޫ ބްރާންޗުތަކުގެ ވެރިންގެ އާއިލީ އެކައުންޓްތަކަށް ނުހައްގުން ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގުމަށާއި، ތަހުގީގުގެ މައުލޫމާތު މަހަކު އެއްފަހަރު މަޖިލީހަށް ހިއްސާކުރުމަށް ފުލުހުންނަށް އެންގުމަށް ހުށަހެޅުއްވާފައެވެ. ކޮމިޓީން ފާސްކުރި މި ހުށަހެޅުންތަކަށް މަޖިލީހުގެ ތަޅުމުން މިހާރު ވަނީ ފުރިހަމަ ތާއީދު ލިބިފައެވެ.




