ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ މަގުތަކަށް އައި ބަދަލުތަކާއި ތެލުގެ އަގު އުފުލުމާ ގުޅިގެން ޔޫރަޕް ފަދަ މުހިންމު މާކެޓުތަކުން ފަތުރުވެރިން އައުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މި ގެއްލުންތައް ކުޑަކޮށް، މުޅި އަހަރަށް ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ އުނިކަން ކުޑަކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.19 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުރިން ފެނުނު 4.6 އިންސައްތައިގެ ދަށްވުމާ އަޅާބަލާއިރު އެދެވޭ ކުރިއެރުމެކެވެ. ސަބަބަކީ މި މަހުގެ ތަފާސްހިސާބުތަކުން އެ ދަށްވުން މިހާރު 1.4 އިންސައްތައަށް ކުޑަކުރެވިފައިވާތީއެވެ. ވަޒީރު އަމީން ވިދާޅުވި ގޮތުގައި އަހަރުގެ ފަހު ދެ ކުއާޓަރުގެ ބުކިންތަކަށް ބަލާއިރު ކުރިމަގު ފެންނަނީ ވަރަށް އުންމީދީ ގޮތެއްގައެވެ. އަދި މިދިޔަ އަހަރަކީ ރެކޯޑް އަދަދަކަށް ފަތުރުވެރިން އައި އަހަރަކަށް ވުމުން، މިއަހަރުގެ ނަންބަރުތައް އެ އަދަދާ އެއްވަރުކުރެވުމަކީވެސް ސަރުކާރާއި ސިނާއަތުގެ ހިއްސާދާރުން ގުޅިގެން ކުރާ މަސައްކަތަށް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ.
މެދުއިރުމަތީގެ ބައެއް މާކެޓުތަކުން ފަތުރުވެރިން އަންނަ މިންވަރު މަދުވި ނަމަވެސް، ސަރުކާރުން ދަނީ މާކެޓިންގެ އައު އުކުޅުތައް ބޭނުންކޮށްގެން އެހެން ގައުމުތަކުން ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ ރާއްޖޭގެ އިގްތިސާދީ މައިނާރު ދެމެހެއްޓުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްދާ މުހިންމު މަސައްކަތްތަކެކެވެ.




