އަންނަ އަހަރު ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރާއިރު، މިއީ ފާއިތުވި ދެ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ކައުންސިލްތަކަށް 2.15 ބިލިއަން ރުފިޔާ ދޫކުރިއިރު، އޭގެ ކުރީ އަހަރު ދޫކޮށްފައިވަނީ 2.25 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތުން، ކައުންސިލްތަކުން 2027 އިން 2029 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓު 18 ސެޕްޓެމްބަރު 2026 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. ކައުންސިލްތަކުގެ ބަޖެޓުގައި ދައުލަތުން ދޭ ބްލޮކް ގްރާންޓާއި، ސަރުކާރުގެ އިދާރާތަކުން ދޭ ކޮންޑިޝަނަލް ގްރާންޓުގެ އިތުރުން ކައުންސިލްތަކުގެ ޓްރަސްޓް ފަންޑާއި ލިބޭ އިތުރު އާމްދަނީ ހިމަނަންޖެހެއެވެ. ދައުލަތުގެ އެހެން އިދާރާތަކާ ޚިލާފަށް، ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުން އަހަރު ނިމޭއިރު ފައިސާ ބާކީވި ނަމަވެސް އެ ފައިސާ އަނބުރާ ދާން ނުޖެހި، ރައްކާކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބިގެންވެއެވެ.
ކައުންސިލްތަކުގެ ޚަރަދުތަކާ މެދު ސަރުކާރާއި މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުންތަކެއް ވަނީ ފާޅުކުރައްވާފައެވެ. އެގޮތުން، ބައެއް ރަށު އަދި އަތޮޅު ކައުންސިލްތަކުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް ބޭރު ގައުމުތަކަށް ކުރާ ތަޖުރިބާ ދަތުރުތަކާ މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ފާހަގަކުރެއްވި ގޮތުގައި، އާމްދަނީގެ ފަސް އިންސައްތަ ދޭންޖެހޭ ގޮތަށް އޮތުމުން އާމްދަނީ އިތުރުވާ ވަރަކަށް ކައުންސިލްތަކަށް ދޭ ފައިސާ އިތުރުވި ނަމަވެސް، އެ ފައިސާ އެކަށީގެންވާ ގޮތެއްގައި ޚަރަދު ނުކުރެވި ބޭންކުތަކުގައި "ގަނޑުވެފައި" ހުންނަކަމީ ބޮޑު މައްސަލައެކެވެ.



