މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި، މިމަހުގެ 9 ވަނަ ދުވަހު ހިނގި ނުރައްކާތެރި ކަނޑުމަތީގެ އެކްސިޑެންޓާ ގުޅިގެން ހޯދަމުން އަންނަ ދޯނި އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭގައި ތިބި 6 ފިރިހެނުންނަށް (4 ބިދޭސީންނާއި 2 ދިވެހިން) އަނިޔާވެގެން އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ. އެކްސިޑެންޓަށްފަހު އެ ދޯނި މަޑުނުކޮށް ގޮސްފައިވާތީ، އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ވަގުތުން ވަނީ ފަށާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެކްސިޑެންޓްގައި ހިމެނޭ ދޯނި ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދިޔަ ނަމަވެސް، މިއަދާ ހަމައަށްވެސް އެ އުޅަނދު ފެނިފައި ނުވާ ކަމަށެވެ.




