އދ. އޮމަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
17 އޯގަސްޓް 2023 ގައި 10.1 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން ހިލަ ގެނައުމާއި ޕްރޮފައިލް ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި 19,000 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި 214 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، އޮމަދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫޢެއްވެސް ދައުލަތުގެ ބަޖެޓުން 24.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ދަނީ ހިންގަމުންނެވެ. 17 ޖެނުއަރީ 2023 ގައި ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ 477 މީޓަރުގެ ކީވޯލް ބްލޮކް ޖެހުމާއި، 188 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން ޓީޖެޓީގެ ކީވޯލް އަދި ކޮންކްރީޓް މަސައްކަތްތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޓީޖެޓީ ޕޭވްކުރުމުގެ މަސައްކަތެވެ. ހިލައާއި ކޮންކްރީޓް މެޓީރިއަލްސް ހޯދުމުގައި ދަތިތަކެއް ހުރިނަމަވެސް، މުޅި ބަނދަރުގެ މަޝްރޫޢު އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.
ގާތްގަނޑަކަށް 1,200 މީހުންގެ އާބާދީއެއް އޮންނަ، 21 ހެކްޓަރުގެ އޮމަދޫއަކީ ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރަމުންއަންނަ ރަށެކެވެ. އެހެންނަމަވެސް، އެރަށުގެ ބަނދަރު ވީރާނާވެފައިވުމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިގެން، ރައްޔިތުން އެދޭގޮތަށް ބަނދަރުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.



