އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރެއްވި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރަސްމީކޮށް ކޮމިޝަންކޮށްފިއެވެ. އެމްޕީއެލް ހުޅުމާލެ ޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އުޅަނދު ކޮމިޝަންކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އޮސްޓްރޭލިޔާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހަދިޔާކުރި މި އުޅަނދަކީ، އޮސްޓްރޭލިޔާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު މަނަވަރެކެވެ. މިދިޔަ މަހު ރާއްޖެ ގެނެވުނު މި އުޅަނދު އޮޕަރޭޓްކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިޔާގައި ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.

މަނަވަރު ކޮމިޝަންކުރުމަށްފަހު ޚިދުމަތް ފެށުމުގެ ގޮތުން، އުޅަނދުގެ ކުރީގައި ދިވެހި ޤައުމީ ދިދަ، ފަހަތުގައި އެމްއެންޑީއެފްގެ ދިދަ އަދި މެއިން ހެލްޔާޑްގައި ކޮމިޝަނިން ޕެނަންޓް ވަނީ ނަގާފައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދެވި އުޅަނދެކެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމުގެ އިތުރުން، މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން އިތުރުވެ، ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ބޮޑުތަނުން ފުޅާވެގެންދާނެއެވެ.



