މޫސުން ގޯސްވުމުން ޒަރޫރީ ބޭނުމަކަށް ފިޔަވައި ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

މުޅި ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑުދަތުރު ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

 މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ އިއްޔެއެކޭ އެއްގޮތަށް މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ކަނޑު ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދައި ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކަނޑުދަތުރު ކުރަންޖެހޭ ހާލަތްތަކުގައި ލައިފް ޖެކެޓް އެޅުމަށާއި، އުޅަނދުފަހަރުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުމަށް ފުލުހުން އިރުޝާދު ދެއެވެ. މީގެއިތުރުން، އުޅަނދަށް ކަނޑައަޅާފައިވާ މީހުންނާއި މުދަލުގެ އަދަދަށްވުރެ އިތުރަށް ނޭރުވުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.

މި ދުވަސްވަރަކީ ސްކޫލްތަކުގެ ފުރަތަމަ ޓާމްގެ ޗުއްޓީ ދުވަސްވަރު ކަމަށްވެފައި، އަންނަ ހަފުތާގައި ކިޔެވުން އަލުން ފެށޭތީ ގިނަ ބަޔަކު ދަތުރުފަތުރުކުރާނެ ދުވަސްވަރެކެވެ. އެހެންކަމުން މުޅި ހަފުތާގައިވެސް ވިއްސާރަވާނެ ކަމަށް ބެލެވޭތީ، ދަތުރުފަތުރުކުރުމުގައި އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް