ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙުމާން، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނަށް އެއާޕޯޓުން އަލްވަދާޢުވިދާޅުވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ފަހުމީ ޙަސަންއާއި އެ ވުޒާރާގެ އިސް ބޭފުޅުންނެވެ. މިއީ 17 ފެބްރުއަރީގައި މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، މިނިވަން ދުވަހާ ގުޅިގެން ދިވެހި ސަރުކާރުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ޞިއްޙީ، ތަޢުލީމީ، ދަނޑުވެރިކަން، މުޢާސަލާތީ، ފަތުރުވެރިކަން، ލޭބަރ، ވިޔަފާރި އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން އިއްޔެ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި، ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 20،000 ގަސް، ދިވެހި ސަރުކާރާ ރަމްޒީކޮށް ހަވާލުކޮށްދެއްވާފައިވަނީވެސް ޑރ. ޚަލީލުއްރަޙުމާންއެވެ.



