މޫސުން ގޯސްވެ ބައެއް ރަށްތަކަށް އުދައަރާފާނެ ކަމަށް މެޓުން އިންޒާރުދީފި

ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މޫސުމީ އެޑްވައިޒަރީއެއް ނެރެ، ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މީގެއިތުރުން، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑުގަދަވެ، ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އިއްޔެ ވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް، ޚާއްޞަކޮށް އަލަށް ތާރުއެޅި ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަށް ވަރަށް ބޮޑަށް އުދައަރައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެންހިންދުމުގެ މަސައްކަތް ކޮށްފައެވެ.

މިއީ ސްކޫލް ބަންދު ނިމި، އެކި ރަށްރަށަށް ދަތުރުފަތުރުކުރާ ދުވަސްވަރަކަށްވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އާންމުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް