ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި: މާލެ ސަރަޙައްދުގެ މަސްވެރިންނަށް ބޮޑު ލުޔެއް

ކަނޑުއޮތްގިރީގައި ޤާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ ޚިދުމަތް މިއަދު ވަނީ ރަސްމީކޮށް ފަށާފައެވެ.

ކަނޑުއޮތްގިރިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ މާލެ ސަރަޙައްދުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، ޚާއްޞަކޮށް ކަންނެލި މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ. މިއާއެކު، އައިސް ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އައިސް، ވަގުތާއި ހޭދަވާ ޚަރަދު ކުޑަވެގެންދާނެއެވެ.

މި އައިސް ޕްލާންޓުގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް މަހުގެ ނަފާ އިތުރުކުރުމުގެ މަޤްޞަދުގައި ކަނޑުއޮތްގިރީގައި ތަރައްޤީކުރި ހިކިމަސް ފެކްޓަރީ ވެސް މިމަހުގެ ތެރޭގައި ވަނީ ހުޅުވާފައެވެ.

މިފްކޯގެ ބެލުމުގެ ދަށުން ހިންގާ ކަނޑުއޮތްގިރި ފިޝް ޕްރޮސެސިންގ ކޮމްޕްލެކްސް އަކީ މާލެ ސަރަޙައްދުގެ މަސްވެރިން ބޭނުންކުރާ އުޅަނދުފަހަރަށް ބޭނުންވާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ތަރައްޤީކުރަމުންދާ މަރުކަޒެކެވެ.

މި ފެކްޓަރީއާއި އައިސް ޕްލާންޓާއެކު، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، ރާއްޖެއިން ބޭރަށާއި އެތެރޭގެ މާރުކޭޓަށް ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް