މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް ފޯރިއާއެކު ނިންމާލައިފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ކުލަގަދަ ހަރަކާތްތައް ބޮޑު ފޯރިއަކާއެކު ނިންމާލައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ މުޝީރު، ޢަމީރު ޑރ. މަންސޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު ބައިވެރިވެވަޑައިގެންނެވިއެވެ. ސައުދީގެ މަތީ ފަންތީގެ ވަފުދު ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. މީގެއިތުރުން، ނައިބު ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައުލަތުގެ އިސްވެރިންގެ އިތުރުން ޚާއްޞަ މެހެމާނެއްގެ ގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިވަން ދުވަހުގެ އިޙްތިފާލުތައް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުނު ރިޔާސީ ކުރުނީހުންނެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރާއި 15 ސްކޫލެއްގެ ދަރިވަރުން ހިމެނޭ ކެޑޭޓް ކޯގެ ފަރާތުން ޝަރަފުގެ ހިނގާލުމެއް ކުރިއަށް ގެންގޮސް، ރައީސުލްޖުމްހޫރިއްޔާއަށް ސަލާމް އަރުވާފައިވެއެވެ. މި އަސްކަރީ ޕެރޭޑާއި ހިނގާލުން މައިދާނުން ނިކުމެ، މާލޭގެ ބޮޑެތި މަގުތަކުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިނިވަން ދުވަހުގެ އުފާވެރިކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މައިދާނީ ދެއްކުންތަކުގައި ޝަހީދު ޢަލީ ސްކޫލާއި، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުންގެ ފަރާތުން ފުރިހަމަ ހުށަހެޅުންތަކެއް ފެނިގެންދިޔައެވެ. މީގެއިތުރުން، އެމްއެންޑީއެފްގެ ހުނަރުވެރި ހަރަކާތްތަކާއި، "ހޭވައްލާ" ގްރޫޕުގެ ފަރާތުން ހުށަހަޅައިދިން ފޯރިގަދަ ސަގާފީ އައިޓަމްތައް ވެގެންދިޔައީ ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބުނު ކަންކަމަށެވެ. މުޅި ރަސްމިއްޔާތު ނިންމާލާފައިވަނީ ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތަކުންނެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައި 26 ވަނަ ދުވަހަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ތާރީޚީ ދުވަހެވެ. މިއަހަރު މުޅި ރާއްޖޭގައި މި ފާހަގަކުރަނީ މިނިވަންކަމަށް 61 އަހަރު ފުރުނު އުފާވެރި އަދި ފާޚުރުވެރި އަހަރީ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް