އަނިޔާވެރި އިޒްރޭލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކާއެކު ގާތް ގުޅުމެއް ބޭއްވުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކަމަށާއި، ނަމަވެސް އިދިކޮޅު އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު "ޕްރޯ އިޒްރޭލް" ޚާރިޖީ ސިޔާސަތެއް ތަންފީޒުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ގެ ދަށުން ދުނިޔޭގެ ހުރިހާ ގައުމަކާއެކު ޚާރިޖީ ގުޅުން ބޭއްވޭނެ ކަމަށެވެ. ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން ގަތުލުކުރަމުންދާ އިޒްރޭލާއެކު އެފަދަ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
ރާއްޖޭގައި އެކި ފަހަރުމަތިން އައި ވެރިކަންތަކުގައި ތަފާތު ޚާރިޖީ ސިޔާސަތުތައް ގެންގުޅެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީން ވެރިކަން ކުރި ކޮންމެ ފަހަރަކު ވެސް ގެންގުޅެފައިވަނީ އިޒްރޭލަށް ތާއީދުކުރާ ސިޔާސަތެއް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަންތަކުގައި އަރަބި އިސްލާމީ ގައުމުތަކާ ދުރަށް ޖެހި، ރާއްޖޭގެ ޚާރިޖީ މިނިވަންކަން އެހެން ބައެއްގެ އަތްދަށަށް ދިޔަ ދުވަސްތަކެއް ފެނިގެން ގޮސްފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިން އަބަދުވެސް ލޯބިކުރަނީ ސުލްހައާއި އަމާންކަމަށް ކަމަށާއި، ހަނގުރާމަތަކާއި އަނިޔާވެރިކަމަކީ ދިވެހިން ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ދިވެހީންގެ ރާއްޖެ ކަމަށްވާއިރު، މި ގައުމުގައި އަބަދުވެސް އިސްކުރަން ޖެހޭނީ ދިވެހިންގެ ގައުމީ މަސްލަހަތު ކަމަށާއި، މި ސަރުކާރުގެ ސިޔާސަތު ބިނާވެފައި އޮންނާނީ އިޒްރޭލު ފިޔަވައި އެހެން ހުރިހާ ގައުމަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




